އިބްރާހިމް ޒަކީ
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަކީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއްކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާތީ އެކަމަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫނު ވިދާޅުވީ، ރާއްޖޭގެ ހެވާ ލާބަައަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ ފަހަތުގައި މޯލްޑިވްސް ރިފޯރމް މޫވްމަންޓް، (އެމްއާރުއެމް) ދެމިތިބޭނެ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލީޝަން ޕާޓްނަރެކެވެ.
ނަމަވެސް މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މައުމޫނު ތާއީދުގައި 20 ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު، މިހާތަނަށް ނަތީޖާ ދައްކާގޮތުން މީގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވޭނީ ވަރަށްވެސް މަދު ކެނޑިޑޭޓަކަށެވެ.
އިއްޔެ ބޭއްވި 19 ވަނަ މަޖިލީސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް 66 ގޮނޑި ވަނީ ކާމިޔާބު ކުރެވިފައެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް މަޖިލީސް އިންތިހާބަކުން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.