ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުތަކަށް ހާއްސަ އިމާރާތެއް މިއަދު ހުޅުވައިފިއެވެ.
ފުލުހުންގެ އެ އިމާރާތަށް ނަން ދީފައިވަނީ "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން"ގެ ނަމުގައެވެ. އާދަމް ހަލީމަކީ ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ތޫނު ހަތިޔާރަކުން ހަމާލާދީ މަރައިލައިފައިވާ ފުލުހެކެވެ. އެ މަރުގެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވުމުގެ ސަބަބުން ވަނީ 2020 ވަނަ އަހަރު މަރުގެ ހުކުމް އިއްވައިފައެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެ ރަސްމިއްޔާތުގައި ސާޖަންޓް އާދަމް ހަލީމްގެ މަންމައާއި ބައްޕައާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފުރިހަމަކުރެވޭނީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވީ އާ އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބުރިޖު ބެލެހެއްޓުމާއި ހެންވޭރު އަވަށުގެ ސަލާމާތީ ކަންކަން ބަލަހައްޓަމުންދަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއިން ކަމަށް ހަމީދު ވިދާޅުވިއެވެ.
"ފުލުހުން އަދާކުރާ ދައުރުތަކުގެ ތެރެއިން ތަހުގީގުކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. ތަހުގީގު ކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ހާއްސަ އަހައްމިއްޔަތެއް ދެމުން އަންނަ ކަމެއް. ހަމައެއާއެކު ތަހުގީގުކުރާ މުވައްޒަފުން ބިނާކުރުމާއި ހަރުދަނާ އޮނިގަނޑުތައް އެކުލަވާލައި، ވަސީލަތްތައް އިތުރުކުރުމަކީ ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގެ ވޮލިއުމް އެންޑް ހައި ކްރައިމް އިމްޕެކްޓް ކްރައިމްގެ ޕްރައިއޯރިޓީއާ ގުޅިފައިވާ ވަރަށް މުހިންމު ބައިތަކެއް،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވަނީ، ސާޖަންޓް އާދަމް ހަލީމް ކެރުމާއި، ހިތްވަރުގަދަކަން އަދި ވާޖިބަށް ބެހެއްޓެވި ތެދުވެރިކަމަކީ ހުރިހާ ފުލުހުންނަށް ހުރި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.
ހެންވޭރު ދަނޑު ކައިރީގައި ހުޅުވި 10 ބުރީގެ އެ އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ އިރު، އެ އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ. އެ އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައް ކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން އިިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް އެ އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.