ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، މޯލްޑިވްސް ރޯފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ނެރެން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއާރުއެމްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރިޔާާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ފާރިސް ނެރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަންނިންމައި، ފާރިސްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްއާރުއެމުން ނިންމާފައިވާ އިރު، ގާނޫނުގައިވާ އަދަދަށް މީހުން ހަމަނުވާ ކަމަށްބުނެ، އެ ޕާޓީ އުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރުމަށް ސިވިލްކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެއީ އެ ޕާޓީ އުވާލި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައަށް މައުލޫއީގޮތުން ގޮތެއް ނިންމުމަށްޓަކައެވެ.
އެ އަމުރު މުރާޖައާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމުން، އެ އަމުރު މުރާޖައާ ކުރެވެން ނެތް ކަމަށްވެސް އެ ކޯޓުން ވަނީ ނިންމައިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައިފައެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން އެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ކަމާބެހޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. ކޮމިޝަނަށް އެ ތަކެތި ބަލައިގަންނާނީ މާދަމާއިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.