އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެމަޖިލީހުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދަކީ ޕާލަމެންޓް އިންތިހާބެއްގައި ރެކޯޑް އަދަދެއްކަމަށް، އިލެކްޝަންސްް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި 212،079 މީހުން ވޯޓުލި ކަމަށެވެ. އަދި މިއީ ޕާލަމެންޓް އިންތިހާބެއްގައި އެންމެ ގިނަބަޔަކު ވޯޓުލި ފަހަރުކަމަށްވެސް ވިދާޅުވިއެވެ.
"212،079 މި އިންތިހާބުގަ ވޯޓުލި. މިއީ ޕާލަމެންޓް އިންތިހާބެއްގައި އެންމެ ގިނަބައެއް ވޯޓުލި ހަފަރު،" ޝަރީފުގެ ޓްވީޓުގައި ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިއްޔެ ނިމުނު މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާކަމަށެވެ.
މި އިިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ.
މި އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި، އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއްް ލިބިފައެވެ. އެގޮތިން 87 ގޮޑީގެ ތެރެއިން 66 ގޮނޑި އެމްޑީޕިއަށް ލިބޭނެ ކަމަށް މިހާތަނަށް ތަނީޖާ ދައްކައެވެ.