ރައީސް މައުމޫން އަބްދުލްޤައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފް މައްސަލައިގައި މާދަމާ ހުކުމް އިއްވަން ހައި ކޯޓުން ހަމަޖައްސައިފިއެވެ.
އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެގެން ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 2:00ގައި ބާއްވާ ގޮތަށެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެވެ.
ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމުރެއް ނެރެފައެވެ. އެމަނިކުފާނު ދޫކޮށްލީ އެ އަމުރުގެ ދަށުން، ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު މައްސަލައިގައި ވަކިގޮތެއް ނިމެންދެނެވެ.
އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ.