އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މާދަމާ ހެނދުނު 9:00 އިން ފެށިގެން އޮންނާނެ ކަމަށެވެ.
އެ މުއްދަތު ހަމަވާނީ، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ކަމާބެހޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. ކޮމިޝަނަށް އެ ތަކެތި ބަލައިގަންނާނީ މާދަމާއިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
އީސީން ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގެވެސް، ހުންނަންޖެހޭނީ ވެސް އެ ޝަރުތުތައް ކަމަށެވެ.
މީގެ އިތުރުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތަށް، އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
އީސީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން، ރިޔާސީ އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން އީސީގެ މެންބަރެއް ނުވަތަ މުވައްޒިފެއްގެ ކުރިމައްޗަށް ހާޒިރުވެ ކަމާބެހޭ މައުލޫމާތުތަކާއި، ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެ ކަމަށެވެ. ނަމަވެސް އެމީހަކަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، ސިޓީއަކުން ނުވަތަ މެސެޖަކުން އެ މައުލޫމާތާއި ތަކެތި އީސީއަށް ހުށަހެޅިދާނެ ކަމަށެވެ.
އެގޮތުން އަމިއްލައަށް އިންތިހާބަށް ކުރިމަތިލާ މީހެއްނަމަ، އޭނާއަށް ތާއީދުކުރާ، އުމުރުން 18 އަހަރު ފުރިފައިވާ، މަދުވެގެން 1500 މީހުންގެ މައުލުމާތާއެކު، ރިޔާސީ އިންތިހާބަށް ކުރިމަތިލާން 24 މައުލޫމާތެއް ހުށަހަޅަން ޖެހޭކަމަށް އީސީން ބުނެފައިވެއެވެ. އެ ހުރިހާ މައުލޫމާތެއް، އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި އީސީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި އިއުލާންގައި ވަނީ ހިމަނައިފައެވެ.
އީސީން ބުނެފައިވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި ބޭންކެއްގައި އާ އެކައުންޓެއް ހުޅުވައިގެން ކަަމަށާއި، އެކަމާބެހޭ ފޯމަކީވެސް މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ފޯމުތަކުގެ ތެރޭގައި ހިމަނާފައިވާ ފޯމެއް ކަމަށްވެސް ބުނެފައިވެއެވެ.
އިންތިހާބަށް ކެނޑިޑޭޓުން ކުރާ ހަރަދުތަކަކީ ދެފުށް ފެންނަ ގޮތަކަށް ކުރެވޭ ހަރަދުތަކަށް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހުންވެސް ހާއްސަ ގައިޑްލައިނެއް ނެރޭނެ ކަމަށާއި، އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.