ޚަބަރު

އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައި ދެއްވުމަށް، ރައީސް ކޮށްދެއްވި މަސައްކަތްޕުޅަށް މަރުހަބާ: މޫސަ

އިބްރާހިމް ޒަކީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް އެމްޑީޕީއަށް ހޯއްދަވައި ދެއްވުމަށް، ޕާޓީގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ކޮށްދެއްވި ހިއްމަތްތެރި މަސައްކަތްޕުޅަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާމަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަ ކުރައްވައި، މޫސަ ކުރެއްވި ޓްވީޓެއްގައި، ލިބުނު ކާމިޔާބީގައި ހިތް ތިރިކުރައްވައި ރައީސް ސޯލިހުގެ ފުރިހަަމަ އިތުބާރާއެކު ވައުދު ފުއްދުމުގައި، އާ ރައްޔިތުންގެ މަޖިލީސް ކުރިއަށްދާނެކަން ފާހަގަ ކުރައްވައި މަރުހަމާ ވިދާޅުވެފައިވެއެވެ.

"އެމްޑީޕީގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހު ޕާޓީގެ އެންމެ އިސް ވެރިއެއްގެ ގޮތުން ރައީސް ސޯލިހު ކުރެއްވި، ހިއްމަތްތެރި މަސައްކަތަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. ކާމިޔާބުގައި ހިތް ތިރިކުރައްވައި ރައީސް ސޯލިހުގެ ފުރިހަަމަ އިތުބާރާއެކު ވައުދު ފުއްދުމަށް އާ މަޖިލީހަށް މަރުހަބާ،" ކުރީގައި އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރައްވައި، އެޕާޓީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ މޫސަގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާތަނަށް ދައްކާ ގޮތުގައި، 86 ދާއިރާއަށް ވާދަކުރި އެމްޑީޕިއަށް 66 ގޮނޑި ވަނީ ލިބިފައެވެ. މި އީ މިހާތަނަށް އެއްވެސް ޕާޓީއަކަށް މަޖިލިސް އިންތިހާބުގައި ލިބިފައި ނުވާވަރުގެ ބޮޑު ކާމިޔާބެކެވެ.