ޚަބަރު

މަޖިލިސް އިންތިހާބު ޖޭޕީ އަށް ނާކާމިޔާބުވީ ރައީސް ޔާމީނަށް ބައިއަތު ހިފުމުން: އަލީ ވަހީދު

1

އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހުރީ ޕާޓީއަށް ނާކާމިޔާބުވީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭބުނި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ބައިއަތު ހިފުމުން ކަމަށް އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މަޖިލިސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ، ކަނޑު ފޭރޭމީހުން ޖޭޕީ ހިސޯރު ކުުރުމުން ޖޭޕީގެ ކެނޑިޑޭޓުންނަށް ގެއްލުންވެ، ޖޭޕީ ސަލާމަތެއްނުވި ކަމަށެވެ. އެހެނަސް ރައްޔިތުން ގައުމު ސަލާމަތްކޮށްދީފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖޭޕީއަށް ލިބުނު ބޮޑު ނާކާމިޔާބަކީ 23 ސެޕްޓެމްބަރު ގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭބުނި، ރައީސް ޔާމީނަށް ބައިއަތު ހިފުމުން ލިބުނު ނާކާމިޔާބެއް. ކަނޑު ފޭރޭމީހުން ޖޭޕީ ހިސޯރު ކުުރުމުން ޖޭޕީގެ ކެނޑިޑޭޓުންނަށް ގެއްލުންވެ ޖޭޕީ ސަލާމަތެއްނުވި. އެހެނަސް ރައްޔިތުން ގައުމު ސަލާމަތްކޮށްދީފި މިއީ އިބުރަތެއް،" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ބަޔަކަށް މިހާތަނަށް ނުލިބޭވަރުގެ ބޮޑު ކާމިޔާބީއެއް އިއްޔެގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުމާ ގުޅިގެން އެ ޕާޓީން ރޭ ބޭއްވި އުފާ ފާޅު ކުރުމުގައިވެސް އަލީ ވަހީދު ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާގޮތުން 41 ދާރިރާއަށް ވާދަކުރި ޖޭޕީއަށް ލިބެނީ މަޖިލީހުގެ ހަތް ގޮނޑިއެވެ. ނަމަވެސް 86 ދާއިރާއަށް ވާދަކުރި އެމްޑީޕީއަށް 66 ގޮނޑި ލިބޭނެ ކަމަށް މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ ގޮނޑިތައް ސަރުކާރު ކޯލީޝަން ޕާޓީތަކަށް ބަހާލުމުގެ މައްސަލައިގައި ޖޭޕީ އާއި އެމްޑީޕީން ހިޔާލު ތަފާތުވެ، ކޮންމެ ޕާޓީ އަކުންވެސް މަޖިލީހަށް ކުރިމަތިލާފައިވަނީ އެޕާޓިއެއްގެ އަމިއްލަ އުސޫލުގެ ތެރެއިންނެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރިއަށްދިޔައިރު އެމްޑީޕީ އާއި ޖޭޕީން ވަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކޮށްފައެވެ.

އެމްޑީޕީ އާއި ޖޭޕީގެ އެ ދެކޮޅުވެރިކަމުގެ ތެރެއިން ޖޭޕީގެ ރައީސް އަލީ ވަހީދު ވަނީ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ ތަކުގައި ބައިވެރިވެ ވަޑަައިގެން އެ ކެނޑިޑޭޓުންނަށް ކެމްޕެއިިންވެސް ކޮށްދެއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟