ޝަހީދާ އަބްދުﷲ ސައީދު
ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހާއެކު ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއި ގުޅިގެން ރޭ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން މިފަހަރުވެސް އާބަސް ބުނެފައިވާކަމަށެވެ. އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނަށް ބާރުތައް ލިބި، މަޖިލީހާއެކު ކޮމިޝަންގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް މަސައްކަތްކުރަން ބޭނުން ނުވާ މީހުންނަށް މިސަރުކާރުގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އަމިއްލަ އެދުމަށް ސަރުކާރުގައި ތިބެގެން މަސައްކަތްކުރުމުގެ ޖާގަވެސް ނުދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް ވޯޓް ދިން ހުރިހާ ފަރާތްތަކަށާއި ކެމްޕެއިންކުރި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ރޭގެ ހަފްލާގައި ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް ނަޝީދުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި މަޖިލީހުގެ އިންތިހާބުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެގޮތް މަޖިލީހުގެ ތެރެއިން ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖެ އަލިވިލެން މިދަނީ މާ ރީތި ރަންރީނދޫ ފަތިހަކަށް ކަމަށާއި އެއީ ރައްޔިތުންނަށް އުންމީދީ ފަތިހަކަށްވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.