ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މެންބަރުން ހިންގާ ކޮރަޕްޝަންތައް ހާމަކުރޭ، ފިޔަވަޅުއަޅަން މިހުރީ ތައްޔާރަށް: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނޫސްވެރިން ހާމަކުރައްވައިފިނަމަ، އެމައްސަލަތައް ބައްލަވައި ފިޔަވަޅު އަޅުއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގެން ރޭ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންނާއެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަދި 19 ވަނަ މަޖިލީހަށް އިންތިހާބުކުރި މެންބަރުންނަކީ ސާބިތުކަމާއެކު މަސައްކަތުގައި ދެމި ތިއްބަވާނެ މެންބަރުން ކަމަށް ޔަގީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

''ތިބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ތިޔަބޭފުޅުން ކިލަނބުވެފައި އޮތް ރައްޔިތުންގެ މަޖިލީހެއް ޒިންމާދާރު މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރައްވައިފި. ދެންއޮތީ އަޅުގަނޑުމެންގެ ވާޖިބު. މިއަދު ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ ހެޔޮވެރިކަމަކަށް ތިޔަބޭފުޅުން ކުރާ އުންމީދާއި ހަގީގަތް.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަޖިލީހުގެ މެންބަރުން ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ހިންގާނަމަ އެެބަޔަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ސަރުކާރުގެ ފައިސާގައި ޖެހޭނަމަ އެމީހަކު ސަރުކާރުގެ ތެރެއިން ދުރައްޖެހިވަޑައިގަންނަވަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

''މިއަދު ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. ރައްޔިތުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ މި ހަވާލުކުރި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަން ޖެހޭނެ ބަޔަކީ ނޫސްވެރިން. ފާރަވެރިވޭ. ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރި ނަމަވެސް ހާމަކުރައްވާ. ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު ފައިސާގައި ޖެހިއްޖެ ކަމުގައި ވަންޏާ ހާމަކުރައްވާ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ. އެކަން ކުރަން ހިތުލައިގެން ހުންނެވި ބޭފުޅެއް ވެއްޖިއްޔާ މިވަގުތު ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ގައުމުގެ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. ރައްޔިތުން ބޭނުންވާކަންކަން ކޮށްދިނުމަށް އެކުގައި މަސައްކަތް ކުރަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.