ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ އެއްވެސް މީހަކު ބާކީނުކޮށް ކުރިއަށްދާންވީ ވަގުތު، ރައްޔިތުންނާއެކު ކުރިއަށްދާން މިހުރީ ތައްޔާރަށް: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މިއީ އެއްވެސް މީހަކު ބާކީ ނުކޮށް ކުރިއަށްދާންވީ ވަގުތު ކަމަށާއި ރައްޔިތުންނާއެކު ކުރިއަށްދާން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގެން މިރޭ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުން މިއަދުވެސް ތިބީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ނިންމާފައިވާ ނިންމުމާ އެއްގޮތަށްކަން މިއަދު ބޭއްވި މަޖިލީހުގެ އިންތިހާބުން އެނގިގެން ހިނގައްޖެކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރި ހުރިހާ މަސައްކަތެއް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ނުފޫޒާއި ބާރުން އެއްކިބާވެ އޮވެ މަސައްކަތްކުރުމުގެ ފުރުސަތު އިލެކްޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއްނެތި މައްސަލައެއް ނުޖެހޭގޮތަށް ރާއްޖޭގެ އިންތިހާބެއް ބޭއްވިގެން ދިޔަތަން ފެނިގެން ހިނގައްޖެ ކަމަށެވެ.

''މިއަދަކު ނާދޭ އަނގޮޓި ޝަކުވާއެއް. މިއަދަކު ނާދޭ ދެލިފުހެވޭ ގަލަމުގެ ވާހަކައެއް. މިއަދު ރައްޔިތުން ނުކުމެ ވޯޓް ދިނީ ހިތްހަމަޖެހިގެން.'' ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މިއަދު ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މަޖިލީހުގައި މެންބަރުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.