ޚަބަރު

ތުރާކުނު ފުޓުބޯޅަދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ހއ. ތުރާކުނުން މުހައްމަދު ޖަމްޝަތު ވަހީދު (ވަން އޮންލައިން)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ރަށު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ރަށު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މި ރަށަށް ވަޑައިގެން އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 1.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން ރައީސް ވަނީ، މި ރަށުގައި ސަރުކާރުން ގާއިމުކޮށްދިން ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައިދެއްވައިފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގައިފައެވެ.