ޚަބަރު

ފިރިމީހާއަށް ފިލައިގެން އިންޑިއާއަށް ގޮސް ހިންދޫ ފިރިހެނަކާ ކައިވެނި ކުރި ޕާކިސްތާނުގެ ސީމާ ހައިދަރުގެ ވާހަކަ!

ފިރިމީހާއަށް ނާންގައި ހަތަރު ކުދިން ގޮވައިގެން ޕާކިސްތާން ދޫކޮށް އިންޑިއަށް ގޮސް ހިންދޫ ފިރިހެނަކާ ކައިވެނިކޮށް އިންޑިއާގައި ދިރިއުޅެން ފެށި ސީމާ ޣުލާމް ހައިދަރު އެނބުރި ވަޒަނަށް ރުޖޫއަވެގެން ނުވާނެ ކަމަށާއި އެއްވެސް އެހީތެރިކަމެއްވެސް ނުލިބޭނެ ކަމަށް އޭނާގެ ތިމާގެ މީހުންނާއި އަވަށްޓެރިން ބުނެފިއެވެ.

ސީމާއަކީ ޕާކިސްތާންގެ ފިރިހެނަކާ މީގެ ދިހަ އަހަރު ކުރިން ފެށިގެން އިނދެގެން އުޅެމުން އައި މީހެކެވެ. އެ ކައިވެނިން ހަތަރު ކުދިން ލިބިފައިވެއެވެ. އެންމެ ދޮށީ ކުއްޖާއަށް ހަތް އަހަރެވެ. ސީމާގެ ފިރިމީހާ ޣުލާމް ހައިދަރަކީ ސައޫދީ އަރަބިޔާގައި ވަޒީފާ އަދާކުރާ މީހެކެވެ. ފިރިމީހާ ފޮނުވި ފައިސާއިން އޭނާއާއި ހަތަރު ކުދިންނަށް ޓިކެޓް ނަގައިގެން ހިންދޫ ލޯބިވެރިޔާއާ ބައްދަލުކުރުމަށްޓަކައި ސީމާ އެންމެ ފުރަތަމަ ދިޔައީ ދުބާއީއަށެވެ. އެ ތަނުން ނޭޕާލުގެ ކަތުމަންޑޫއަށެވެ. އޭރު ހިންދޫ ލޯބިވެރިޔާ ސަޗިންހުރީ ކަތުމަންޑޫއަށް ގޮހެވެ. އެ ރަށުގައި ދެ މީހުން ބައްދަލުކޮށް ސީމާގެ ދީންވެސް ބަދަލުކޮށް ހިންދޫ ފައްޅިއެއްގައި ދެ މީހުން ވަނީ ކައިވެނިކޮށްފައެވެ.

މި ކައިވެންޏަށްފަހު ނޭޕާލް މަގުން ސީމާއާއި އޭނާގެ ހަތަރު ކުދިން އިންޑިޔާއަށް އެތެރެވުމުން ވިސާ ނެތިގެން މި އާއިލާ އިންޑިޔާގެ އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން ސީމާއަށް އިންޑިޔާއާއި ޕާކިސްތާންގެ މީޑިއާގެ ސަމާލުކަން ވަނީ ލިބިފައެވެ. މިހާރު ފުލުހުންގެ ހައްޔަރުން ސީމާ ވަނީ ދޫކޮށްލައިފައެވެ. އޭނާ ބުނެފައިވަނީ ސަޗިންއާ ވަކިން އޭނާއަށް ދިރިނޫޅެވޭނެ ކަމަށާއި ސަޗިންއަކީ އޭނާގެ ފިރިމީހާ ކަމުގައެވެ. ސަޗިންއަށްޓަކައި ދީން ބަދަލުކޮށް ސަޗިންގެ ދީނާއި ސަގާފަތު ގަބޫލުކޮށްގެން ހުރި ކަމަށްވެސް ބުންޏެވެ.

އުމުރުން 27 އަހަރުވީ ސީމާގެ ކަންތައް އޭނާގެ ތިމާގެ މީހުންނާއި ފިރިމީހާ ޣުލާމް ހައިދަރުގެ ތިމާގެ މީހުންނަށް އެނގުމާ ގުޅިގެން އެ މީހުން ބުނެފައިވަނީ އެއްވެސް ހާލެއްގައި ސީމާ ދެން އެނބުރި ޕާކިސްތާނަށް އައިސްގެން ނުވާނެ ކަމަށާއި އެއީ މިހާރު މުސްލިމެއްވެސް ނޫން ކަމަށެވެ. އޭނާ ކުރަންޖެހޭ ކަމަކީ ލަސްނުކޮށް ހަތަރު ކުދިން ޕާކިސްތާނަށް ފޮނުވުން ކަމަށްވެސް ވަނީ ބުނެފައެވެ.

ސީމާއާއި ސަޗިން އެންމެ ފުރަތަމަ ބައްދަލުވީ ކޮވިޑުގެ ދުވަސްވަރު އޮންލައިނުންނެވެ. އެ ހިސާބުން ލޯބިވެސް ވެވުނީ ކަމަށާއި މި ހިސާބަށް ކަންކަން ދިޔައީ ޕާކިސްތާންގެ އަންހެނަކާއި އިންޑިޔާގެ ފިރިހެނެއްގެ ލޯބީގެ މައްޗަށް ކުޅެފައިވާ ފިލްމަކުން ހިތްވަރު ލިބިގެންކަމަށްވެސް ސީމާ ބުނެއެވެ.