ޚަބަރު

ރިސޯޓުތަކުގެ ބަދިގޭގައި މަސްކައްކަން ގޮވާލި މީހުނަށް ރައީސްގެ ރައްދު: މާދަމާ އެކަނި ފެނިގެން ވެރިކަމެއް ނުކުރެވޭނެ

ކޮވިޑަށްފަހު ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި ރިސޯޓުތަކުގެ ބަދިގެތަކުގައި މަސްކައްކަން ގޮވާލި މީހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާ ރައީސް ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ބަޔަކު ސަރުކާރަށް ވަރަށް އުނދަގޫކޮށް ޖެއްސުން ކުރި ކަމަށެވެ.

އަދި ބައެއް ސިޔާސީ ލީޑަރުން ނުކުމެ ރިސޯޓުތަކުގެ ބަދިގެތަކުގައި މަސް ކެއްކުމަށާއި ދަނޑުވެރިކަން ކުރުމަށްވެސް ގޮވާލައި، ރާއްޖޭގެ ޓޫރިޒަމް ހަލާކުވެ ދިޔައީ ކަމަށާއި ރާއްޖެ އަންނާނެ ޓޫރިސްޓަކު ނުވާނެ ކަމަށް ބުނެ ރައްޔިތުން މާޔޫސް ކުރުމަށްޓަކައި ވާހަކަތަކެއް ދެއްކި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަންކަމަށް ބެލުމެއް ނެތި އޭރު އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށާއި އަމާޒަކީ 2028ގައި ރާއްޖެއަށް ތިން މިލިއަން ފަތުރިވެރިން ގެނައުން ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ތަސައްވަރެއް އޮވެގެން އަމާޒެއް އޮވެގެން ޕްލޭނެއް ކުރެވިގެން ކަންތައްތަކެއް ކުރީމަވާ ގޮތް. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ދެގުނަކުރާ ވާހަކަދައްކަމުން އަންނަނީ ފަތުރުވެރިކަމުގެ ނަންބަރާއެކީގައި ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓު ތަރައްގީކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.