ޚަބަރު

ނާޒިމާއެކު މަސައްކަތް ކުރެވޭނެކަމުގެ އުންމީދު ބޮޑު: ގާސިމް

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ މިއަދު ސަން އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަކީ ގާސިމްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވެސް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ. އެގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަކުރައްވަން ނިންމަވާފައިވާ އިރު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.

ޖުމްހޫރީ ޕާޓީން މިއަދު ޓުވީޓު ކުރި ވީޑިއޯއެއްގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގައި ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެއީ ވަރަށް އުންމީދީ މަޝްވަރާތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ދެބައިމީހުން އެކުގައި ރިޔާސީ އިންތިހާބުގައާއި އަދި މި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާނެ ގޮތަކާ މެދު. ދެން ދެކެވުނު ވާހަކަތަކުން އުންމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން،" ގާސިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެކަން މަޝްވަރާތަކުން އެނގިގެންދިޔަ ކަމަށެވެ.

އެމްއެންޕީގެ ރައީސް ނާޒިމާއި ނައިބު ރައީސް އަބްދުﷲ ރިޔާޒަކީ މީގެ ކުރިން ޖޭޕީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. ނަމަވެސް ޖޭޕީން ވަކިވެވަޑައިގެން އެމްއެންޕީ އުފެއްދެވުމާ ގުޅިގެން ގާސިމް ވަނީ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.