ޚަބަރު

ރައީސް ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް ބަލައެއްނުގަތް

އިބްރާހިމް ޒަކީ

އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައެއްނުގަތެވެ.

މިއީ 2021 ވަނަ އަހަރު ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ. އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެ މަނިކުފާނު އެ ފަހަރު ދަތުރު ކުރައްވާފައިވަނީ، ސަރުކާރުގެ އިސް ވަފުދަކާ އެކުގައެވެ. އެ ދަތުރުފުޅުގެ ތަފުސީލު ހިމެނޭ ރިސިޕްޓުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގައިފައެވެ.

އެކަމާ ގުޅިގެން ދައުލަތުން އެ މައްސަލަ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އެ ކޯޓުން މިދިޔަ މެެއި މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ މި މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމަވައިފައެވެ.