ޚަބަރު

ރަކީދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

ވ. ރަކީދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަކީދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ލަފާފޭބުމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފެންވަރަށް ބަނދަރު ތަރައްގީކުރެވިއްޖެ ކަމަށާއި ރަކީދުގެ ގޮނޑުދޮށާއި ހޭޅިފަށް ހިމަޔާތްކުރުމަށްވެސް މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަމެއް ކުރުމަށްފަހުގައި ގުދުރަތީ ގޮތުން އެރަށް އޮތްގޮތަށް އަޅުގަނޑުމެން ގެންނަ ބަދަލުތަކެއްގެ ސަބަބުން ހުންނާނެ އަންނަ އެޑްޖެސްޓްމަންޓްތައް. އެކަން އަޅުގަނޑުމެންނަށް އެނގޭނީ އަހަރެއް ދެ އަހަރު ފަހުން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަންތައްތަކަށް ބެލުމަށްފަހު ރަކީދޫގެ ބަނދަރަށް އިތުރަށް ބަދަލުތަކެއް ގެންނަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށާއި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން މިހާރު ލާފައި ހުރި ތޮށިގަނޑާއެކު ރަށަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ކުރުމަށްފަހު ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށެވެ. ޖަޒީރާ ރާއްޖޭގެ ތަސައްވުރުގައި އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ލިބެން ޖެހޭ ކަމަށާއި މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ ކުޑަރަށެއް ބޮޑުރަށެއް ބެލުމެއް ނެތި ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތަށް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ރަށުގެ ބަނދަރަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތަކަށް އަޅުގަނޑުމެން ވިސްނާފައި އެކަން ކުރިއަށްގެންދާނަން" ރައީސް ވިދާޅުވި އެވެ.

ރަކީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން 1.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށްގެންގޮސް މިދިޔަ އަހަރުތެރޭ އެ މަސައްކަތް ނިންމާލާފަ އެވެ. އެ މަޝްރޫއުގެ ދަށުން، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ވަނީ ލާފައެވެ.

އޭގެ އިތުރުން ރަކީދޫއަށް ލަފާ ފޭބުމުގެ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބަނދަރު ހެދުމުގެ މަޝްރޫއުވެސް 2021 ވަނަ އަހަރު ވަނީ ފުރިހަމަކޮށްފަ އެވެ. ޖުމްލަ 18.5 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 5،654 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެ އެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 429 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ވަނީ ހަރުކޮށްފަ އެވެ.