މާލެ، ހުޅުމާލެ އަދި ހުޅުލެ ރެއިލްވޭ ނިޒާމަކުން ގުޅުވައިލައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން "ނާޒިމަށް ސުވާލެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު މިއޮތް ޕަބްލިކް ޓްރާންސްޕޯޓު ހިންގަނީ ގެއްލުމުގައި ކަމަށާއި އެ ނިޒާމު އެ ހިންގަނީ ކުރު މުއްދަތެއްގެ ލޯނެއްގެ ތެރެއިން ކަމަށެވެ.
ނާޒިމް ވިދާޅުވީ މިހާރު މިއޮތް ޕަބްލިކް ޓްރާންސްޕޯޓަށް ވަމުންދާ ގެއްލުންތަކުގެ އަސަރު ފެނިގެންދާނީ ދުރު މުސްތަގުބަލެއްގައި ކަމަށާއި މިހާރު ލޯންޗު އަދި ބޯޓުފަހަރު ދުއްވާ މީހުންނަށް ވެސް ވަރަށް ބޮޑަށް މާލީ ގޮތުން ގެއްލުވަމުންދާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އިތުރަށް ލޯންޗުތައް ނުބާއްވާނެ ކަމަށާއި ކުރާނެ ކަމަކީ މިހާރު ހުރި ލޯންޗުތައް ބޭނުންކޮށްގެން ސަރުކާރުން ކަނޑައަޅާ އަގެއްގައި ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދިނުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ހަމާއެކީގައި އަޅުގަނޑުގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް މޮނަރެއިލްގެ ނިޒާމަކުން ގުޅައިލާނަން. މޮނަރެއިލްގެ ނިޒާމަކުން ގުޅާނަން، ހަމައެއާކީގައި މާލެއިން އެއާޕޯޓަށް، އެއާޕޯޓުން މާލެއަށް ދެވޭނެ. އެހެންވީމާ ރެއިލް ސާވިސް ތަހުޒީބީ ޒަމާނުގެ ފެންވަރުގެ ބާރުގައި ދުވާގޮތަށް ހަމަޖައްސާނަން،" ނާޒިމް ވިދާޅުވިއެވެ.
ރެއިލް ނިޒާމާއެކު ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ތޮއްޖެހިގެން ދަތުރުކުރުމުގެ ދަތިކަން ނިމި، އަރާމުގައި ދަތުރުކުރެވޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ދަތުރުފަތުރުގެ އަގުހެޔޮކުރުން ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ބަހުގެ ހިދުމަތް ތައާރަފުކުރައްވާނެ ކަމަށާއި މާލޭގެ ބަހުގެ ހިދުމަތް ދިނުމަކީ ލުއިކަމެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.