ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހުރިއްޔާ ހަމަޖައްސަވައިފި ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުވެސް ރައީސް އޮފީހުން ބަޔާނެއް އާއްމުކުރިއެވެ.
ނަމަވެސް ފަހުން އެ ބަޔާން ސައިޓުން ފެންނާކަށް ނެތެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ހަމަޖެއްސެވީ، މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ އެކި އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒިފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވެފައިވާނެތީ ކަމަށެވެ.