އިބްރާހިމް ޒަކީ
ރ.މަޑުއްވަރި އަދި ކ. ގާފަރުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށްޓަކައި ވި އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި، ދައުލަތުން 13.5 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ސާބިތެއް ނުވިއެވެ.
މިއީ އެ ދެ ރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށްޓަކައި 13 ނޮވެމްބަރު 2019 ގައި ވީއޭއެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް، އެ މިނިސްޓްރީ އުވާލުމާ ގުޅިގެން އެ މިނިސްޓްރީގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ވީއޭއެމް އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.
ދައުވާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ވީއޭއެމް އިން ހުށަހަޅާފައި ވަނީ، ސީދާ ފައިދާގެ ގޮތުގައި ކޮންމެ ޕްރޮޖެކްޓަކަށް 1.5 މިލިއަން ރުފިޔާގެ މަގުން ދެ ޕްރޮޖެކްޓަށް ތިން މިލިއަން ރުފިޔާ އަދި އެ ކުންފުންޏަށް ލިބެންއޮތް 10 ޕްރޮޖެކްޓުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން، އެ ޕްރޮޖެކްޓުތައް ލިބިފައިނުވާތީ އެއިން ކޮންމެ ޕްރޮޖެކްތަކަށް 1.5 މިލިއަން ރުފިޔާގެ މަގުން 10.5 މިލިއަން ރުފިޔާއާ އެކު ޖުމުލަ 13.5 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެގޮތުން މި މައްސަލައިގައި އެ ކުންފުނިން އެދިފައި ވަނީ، ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުންތައް 13 އޮގަސްޓް 2020 ގައި ބާތިލުކޮށްފައިވަނީ އެއްބަސްވުންތަކާ ހިލާފަށް ކަމަށާއި، އެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.5 މިލިއަން ރުފިޔާ އެ މިނިސްޓްރީން އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަކީ އަދިވެސް ދެމިއޮތް އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުންތަކާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުން ބުނެފައިވަނީ، އެ އެއްބަސްވުންތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ސިދާ ފައިދާގެ ގޮތުގައި ކޮންމެ އެއްބަސްވުމަކަށް 1.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ އިރު، އެފަދައިން ބަޔާންކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތް ކަމަށާއި، އެ މިންވަރުގެ ފައިދާއެއް ލިބޭނެކަން ސާބިތުކޮށްދިނުމަށް ހެތްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދޭ ފައިސާ، ސާބިތުކޮށްދިނުމެއް ނެތި އަދި ތަފްސީލު ބަޔާންކުރުމެއްނެތި، ހުށަހަޅާ އަދަދެއްގެ މައްޗަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކަށް ރިއާޔަތް ކުރާއިރު މަޑުއްވަރީ އާއި ގާފަރުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށްޓަކައި 13 ނޮވެމްބަރު 2019 ގައި ވީއޭއެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުންތަކާ ހިލާފަށް ކަމަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.