ޚަބަރު

އާރްޓީއެލް އެޕުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މައުލޫމާތެއް ރައްކާކޮށްފައެއް ނުހުންނާނެ: އެމްޓީސީސީ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ދިނުމަށް ހަދާފައިވާ އެޕްލިކޭޝަނުގައި ކަސްޓަމަރުން ބޭނުންކުރާ ބޭންކު ކާޑުތަކުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ އެއްވެސް މައުލޫމާތެއް އެމްޓީސީސީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާރްޓީއެލް އެޕްލިކޭޝަންގެ ޑިޖިޓަލް ސިސްޓަމްއާ ބެހޭގޮތުން ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާރްޓީއެލް ހިދުމަތް ފެށުނީއްސުރެ އެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ލިބެމުން އަންނަ ހިޔާލުތަކާއި މައުލޫމާތުތަކަށް އެ ކުންފުނިން އަބަދުވެސް ރިއާޔަތްކުރާ ކަމަށެވެ. އެގޮތުން އާރްޓީއެލް އެޕްގައި ސެކިއުރިޓީ ވަލްނަރަބިލިޓީއެއް (ހަމަލާއެއް ނުވަތަ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސިފަ ނުވަތަ ހާލަތެއް) އުޅޭކަމުގެ ރިޕޯޓެއް ޖުލައި މަހުގެ ކުރީކޮޅު ލިބުމާ ގުޅިގެން އެ މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަން ވާނީ ވަގުތުން ހައްލުކޮށްފައި ކަމަށް އެމްޓީސީސީން ބުންނެވެ.

ސިސްޓަމް ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށާއި އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މި ކުންފުނިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިނ،ް ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ސެކުއާ ޕޭމަންޓެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައެއް ނުބަހައްޓަމެވެ. މިގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިން ބޭންކުގެ ސެކިއުރިޓީ ސްޓެންޑާޑްތަކާއި އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީ ބައިނަލްއަގުވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑަށް ސަރޓިފައި ކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި ފައިސާ ބަލައިގަތުމަށްވެސް އެ ކުންފުނިން ބޭނުންކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ ކަމަށްވާތީ ކަސްޓަމަރުންގެ ހުރިހާ ބޭންކިން މައުލޫމާތެއް ހިއްސާކުރާނީ ބީއެމްއެލްގެ ސެކުޔާ ޕްލެޓްފޯމެއްގައި ކަމަށެވެ.

"އެހެންކަމުން އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މައުލޫމާތެއް މި ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަމެވެ" އެމްޓީސީސީން ބުންޏެވެ.