މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަންވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަންވަނަ ފަތުރުވެރިޔާއަކަށް ވެގެންދާނީ މާދަމާ ހެނދުނު ރާއްޖެ އަންނަ ފަތުރުވެރިއަކަށެވެ. އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވައިފައެވެ.
ސަރުކާރުން މި އަހަރަށް ފުރަތަމަ އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ 1.9 މިލިއަން ފަތުރުވެރިންނަށް މަތިކޮށްފައެވެ. އެ އަމާޒު ހާސިލުކުރުމަށްޓަކައި ރާއްޖެ އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި އެކިއެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
މިނިސްޓްރީން އާއްމުކޮށްފަައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 979,884 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ. އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމަކީ އިންޑިއާއެވެ. އެއީ 115,378 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިޔާ އިން 115,378 ފަތުރުވެރިން އައިސްފައިވެއެވެ.