ޚަބަރު

ފަސްއަހަރު ތެރޭގައި ރަމްޒުކޮށްދެނީ ރައީސް ސޯލިހުގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި ހިކުމަތްތެރިކަން: ސިޔާމް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރަމްޒުކޮށްދެނީ، އެމަނިކުފާނުގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށް، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކޯލިޝަން ބައިވެރިޔާ، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ކަންތައްތައް ދިޔަގޮތް ފާހަގަ ކުރައްވައި، ސިޔާމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު މުޅި 5 އަހަރުގެ ދައުރު ނިންމަވައިލެއްވީ، އެންމެ ނާއިބު ރައީސަކާއެކު، މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ބަދަލު ނުކުރައްވައި ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި "ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެނޭ، މުޅި ގައުމު ހަމަޖެހިއްޖެ، ފަތުރުވެރިން ކުރި ޒިޔާރަތް ރިކޯޑް އަދަދަށް،" ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ސިޔާމް ވިދާޅުވީ، އާއިލާތަކަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށް އޮތް ދައުރަށް ރައީސް ސޯލިހު ހޮވުމުގެ މުހިއްމުކަންވެސް ސިޔާމް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިދިޔަ ދައުރުގައި ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކޯލީޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރުއެމް ވަކިވެފައި ވީނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އިތުރު ދައުރެއް ހޯދއިދިނުމަށް، އަދާލަތު ޕާޓީއާއެކު ސިޔާމްގެ އެމްޑީއޭ އިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 އިން އޮގަސްޓްމަހުގެ ހަތަކަށް ހުޅުވާލަން ހަމަޖެހިފައިވާއިރު، އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ 9 ސެޕްޓެމްބަރުގައެވެ.