އިބްރާހިމް ޒަކީ
އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީގެކުރިން ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނަގައިގެން ގއ. ވިލިނގިލިން ވެސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މަޖިލިސް އިންތިހާބުގައި ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މައްސަލައިގައި ގއ. ވިލިނގިލިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ.
އެނގިފައިވާ ގޮތުގައި ވިލިގިލިން ހައްޔަރު ކޮށްފައިވަނީ ފިރިހެނެކެވެ.
ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގުމާއި ފާހަގަޖެހުމަށްފަހު ދެއްކުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އިންތިހާބުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެކުރީގެ އިންތިހާބުތަކުގައިވެސް ވޯޓް ކަރުދާސްކޮޅު ފޮޓޯ ނައިގައިގެންނާއި، ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށްފަހު ދެއްކުމުން ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.