ޚަބަރު

ލިބުނު ފައިދާ އިތުރުވި ނަމަވެސް ފެނަކައިގެ ދަރަނި 2.22 ބިލިއަން ރުފިޔާގައި!

މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.

ޕީސީބީން މިއަދު ވަނީ ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުތައް އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފެނަކައަށް ލިބުނު ފައިދާއަކީ 503.8 މިލިއަން ރުފިޔާއެވެ. އެއީ އެ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅައިބަލާއިރު ހަތަރު ޕަސެންޓް ކުރިއެރުމެކެވެ. އަދަދުން ބަލާނަމަ އެއީ 19 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަދި ފެނަކައިގައި 780 މިލިއަން ރުފިޔާގެ ހަރު މުދާ ހުރި އިރު، ކުންފުންޏަށް ލިބެންޖެހޭ 324.4 މިލިއަން ރުފިޔާ ނުލިބިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ ކުންފުނީގެ އާމްދަނީގެ ގާތްގަނޑަކަށް 64 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކައިން ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި ކުންފުނިން އެކި ސަޕްލަޔަރުންނަށް ދައްކަންޖެހޭ އަދަދު 2.16 ބިލިއަން ރުފިޔާގައި ހުރިއިރު އެ އަދަދު ބޮޑުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ފެނަކައިގެ މާލީ ހާލަތު ނާޒުކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ، މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގައި ހުރި ފައިސާގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 9.4 މިލިއަން ރުފިޔާ ކަމަށެވެ. އެއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު ހަ މިލިއަން ރުފިޔާގެ މަދުވުމެކެވެ.

އެ ފައިސާ މަދުވެފައި ވަނީ އިންޖީނުގެތަކާއި އިންޖީނު ފަދަ ތަކެއްޗަށް 287.3 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އިންވެސްޓްކޮށްފައިވާތީ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.