މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ފަރާތްތަކުން ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ސޯލިހު މިކަމަށް އިލްތިމާސް ކުރެއްވީ، ޖަމާލުއްދީން ސްކޫލަށް ވަޑައިގެން އެތަނުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ ވޯޓުލުން ކުރިއަށްދާގޮތާ ވޯޓުލުމުގެ އިންތިޒާމް ތަކާމެދު ވަރަށް ހިތްހަމަޖެހިވަޑައިންނަވާ ކަމަށެވެ.
"ވަރަށް މިނިވަން ކަމާއެކު ރައްޔިތުން ވޯޓުލާ މަންޒަރު ފެނިގެންދަނީ. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ވޯޓުގެ ކަންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި މިރޭ ނަތީޖާ އެނގިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބަށް ވޯޓުލާ ފޮށިތައް ބަންދުކުރާނީ މިއަދު ހަވީރު 1600 ޖަހާއިރުގައެވެ.