ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ވުމާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު އިދިކޮޅު ޕީޕީއެމްއަށް ގެއްލިއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަން (ސީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ވަނީ ހިމަނައިފައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލު އަންނާނެއެވެ.
މައިނޯރިޓީ ޕާޓީގެ ގޮތުގައި މިހާރު އޮތް ޕީޕީއެމްގެ މެންބަރުންގެ އަދަދަކީ ފަހެކެވެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ނަމަވެސް 'ދަ ޑިމޮކްރެޓްސް'ގައި މިވަގުތުވެސް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން އެބަ ތިއްބެވެ.
އޭގެ އިތުރުންވެސް މާދަމާ ރޭ ބާއްވާ ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ނަޝީދާއި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއިކުރައްވާނެއެވެ. އެހެންކަމުން، މަޖިލީހުގައި ތިއްބައްވާ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު 15އަށް އަރާނެއެވެ.