ޚަބަރު

ބައިނަލްއަގުވާމީ އޮބްޒާވަރުން ހަރަކާތްތެރިވާނީ މާލޭގެ އިތުރުން ހަތަރު ސަރަހައްދެގައި

އަހުމަދު ޖައިޝަން

މިހާރު ކުރިއަށްދާ ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ ބައިނަލް އަގުވާމީ އޮބްޒާވަރުން ހަރަކާތްތެރިވާނީ މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިސަރު ޔޫޝައު ނަސީމް ވިދާޅުވީ ބައިނަލްއަގުވާމީ އޮބަޒާވަރުން މާލޭގެ އިތުރުން ދެން ހަރަކާތްތެރިވާނީ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ބ. އަތޮޅު އަދި ލ. އަތޮޅުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި 38 އޮބްޒާވަރުން ބައިވެރިވާނެ ކަމަށެވެ.

އިލެކްޝަނުން ކުރިން ބުނެފައިވާގޮތުގައި އިންތިހާބުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ތެރޭގައި ހަތަރު ގައުމަކުންނާއި ނުވަ ޖަމިއްޔާއެއްގެ އިތުރުން ހަތަރު މީޑިއާއެއްގެ ބޭފުޅުން ހިމެނެއެވެ. މިގޮތުން ކޮމަންވެލްތު އަދި އީޔޫ ފަދަ ޖަމިއްޔާ ތަކުން މިފަހަރުގެ އިންތިހާބު އޮބްޒާވް ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމައު އަކްރަމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ ރިޔާސީ އިންތުހާބު އޮބްޒާވް ކުރުމަށް ބޭރުގެ 14 މީޑިއާއަކަށް އިލެކްޝަނުން ހުއްދަ ދިނެވެ.