ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފަހު ޖާގަތައް ކަންމަތި އެފްސީއާއި ދިއްފުށީ މެންސް ފުޓްސަލް ޓީމުން ހޯދައިފިއެވެ.
ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރެއިން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، މިރޭ ވަނީ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ވާދަވެރި މެޗުތައް ކުޅެފައެވެ. މިރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗުތަކުން މޮޅުވެ، ސެމީގެ ފުރަތަމަ ދެ ޖާގަ ޔަގީންކުރީ އެޕޮކަލިޕްސްއާއި ބްލެކް އީގަލްސްއެވެ.
އޭގެ ފަހުން ކުޅުނު ކުއާޓާ ދެ މެޗުވެސް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، މުބާރާތުގެ ތިންވަނަ ކުއާޓާގައި ވާދަކުރީ ކަންމަތި އެފްސީއާއި ހިންމަފުށީ ފުޓްސަލް ޓީމެވެ. އެ މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަންމަތި ކާމިޔާބުކުރީ އިބްރާހީމް ރިމާހް (ރިމޭ)ގެ ދެ ގޯލާއެކުގައެވެ.
ކަންމަތި ޓީމުން ގާފަރުގެ ވަރުގަދަ ކުޅުންތެރިން ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ފެނުނީ މެޗު ކޮންޓްރޯލުކޮށް، ރަނގަޅަށް ކުޅެމުން ދިޔަތަނެވެ. ރަނގަޅު ޕާސްތަކަކާއެކު ކަންމަތިން ކުޅެމުންދިޔަ އިރު، ހުސައިން ސުހައިލް (ސޮކޭ) އާއި ރިމޭގެ ހަމަލާތައް މެޗުގެ ކުރީކޮޅުގައިވެސް ފެނުނެވެ. އަނެއްކޮޅުން ތޮލާލް ހަސަން ކަންމަތީގެ ގޯލު ބެލެހެއްޓުމުގައި ހުޝިޔާރު ކުޅުމެއް ދައްކަމުން ދިޔަ އިރު، ފުރަތަމަ ހާފުގައި ރިމޭ ވަނީ ކަންމައްޗަށް ލީޑު ނަގައިދީފައެވެ.
އެޓީމުން ލީޑާއެކު ހަމަޖެހިލައި ރަނގަޅަށް ކުޅެމުންދިޔަ އިރު، ރިމޭގެ އިތުރުން ދެން ގޯލުތައް ޖަހައިދިނީ ނާއިހު މުފީދާއި އަހުމަދު ނިޒާމް (ނިޒާމްބެ)އެވެ.
މިރޭގެ ކުއާޓާ ފައިނަލް ފަހު މެޗު ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ. ދިއްފުއްޓާއި ގާފަރު ވާދަކުރި އިރު، ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް އެ ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ފޯރިގަދަކޮށެވެ. އެ ފޯރީގައި މެޗު ފެނިގެން ދިޔައީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާވެސް އެކުގައެވެ. ޖޯޝު ފެނިގެން ދިޔަ މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީއަށް ގޮސްފައިވާ އިރު، ޕެނަލްޓީގައި ދިއްފުށި ސެމީ ޔަގީންކުރީ 12-11 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ދިޔަ އިރު، ދިއްފުށީގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ކްލަބު އީގަލްސްއަށް ކުޅެމުންދާ ހުނަރުވެރި ފޯވަޑްގެ ރަނގަޅު ހަމަލާތައް މެޗުގެ ކުރީކޮޅުގައި ފެނުނު އިރު، އަނެއްކޮޅުން ގާފަރުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
އަނެއްކޮޅުން އަބްދުﷲ ޝާފިއު (ޝާއްޕެ) ގާފަރުން ނުރައްކާ ކުރަމުން ދިޔަ އިރު، ކުރީކޮޅުގައި އޭނާއަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ. ފުރަތަމަ ކޮޅުގައި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސް، ދިއްފުށިން ލީޑު ނެގީ ރިޒޭގެ ހިތްގައިމު ނިންމާލުމަކާއެކުގައެވެ.
އެ ގޯލާއެކު ދިއްފުއްޓަށް ގާފަރު ހިފަހައްޓާލެވުނީ މަދު ވަގުތު ކޮޅަކަށެވެ. ޝާއްޕެ ނަތީޖާ ހަމަހަމަކޮށް ގާފަރަށް އުންމީދު ހޯދައިދިނެވެ. މެޗުގެ ދެވަނަ ހާފުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ގާފަރަށް ފަހަތުން އަރައި ލީޑު ނަގައިދިނީވެސް ޝާއްޕެއެވެ.
މެޗުގެ ފަހުކޮޅުގައި ގާފަރު ގޯލްކީޕަރު ފައިއްޓެގެ ފެންވަރު އޭނާ ސާބިތުކޮށްދީފައިވެއެވެ. ރިޒޭއާއި ޒައިން ޒަފަރު ޖެހި ބާރު ބޯޅަތައްވެސް މަތަކޮށް ބޭރުކޮށްލީ ފައިއްޓެއެވެ. ހާއްސަކޮށް އޭނާގެ ފަރާތުން ފުލުފުލުގައި ޑަބަލް ސޭވްތައްވެސް މެޗުގައި ފެނިފައިވެއެވެ.
ފައިއްޓެ ގާފަރު ހިފަހައްޓަމުން ދަނިކޮށް، މެޗު ނިމެން މިނެޓު ކޮޅަކަށްވެފައި އޮއްވައި ރިޒޭ ވަނީ ދިއްފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ބޫޓު ކޮޅުން ފޮނުވާލި ބާރު ހަމަލާއަކުން މެޗުގެ ނަތީޖާ ހަމަހަމަވެ، އިތުރަށް ފޯރިގަދަވެގެން ދިޔައެވެ.
ދިއްފުށިން ފުރަތަމަ ޒައިން ޖެހި ޕެނަލްޓީ ފައިއްޓެ ދިފާއުކުރި އިރު، ގާފަރުގެ ޝާއްޕެ ޖެހި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ. އެފަހުން ދެން ޖެހި ޕެނަލްޓީތައް ދެ ޓީމުންވެސް ވައްދަމުން ގޮސް، ގާފަރަށް ނާކާމިޔާބުވީ ފައިއްޓެ ޖެހި ޕެނަލްޓީއެވެ.
މުބާރާތުގެ އަންހެން ޑިވިޝަން ކަމަށްވާ ފެމިނާ ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް މާދަމާ ހަވީރާއި މާދަމާ ރޭ އޮންނާނެއެވެ.
ފެމިނާ ޑިވިޝަން
16:30 ދިއްފުށި ވުމަންސް އެފްޓީ - ކަންމަތި ކުއީންސް
17:15 އެޕޮކަލިޕްސް ސެނޯރާ - މަލްޓި އެކްސް ކޭ.ލިލީސް
ފިރިހެން ޑިވިޝަން
20:15 ބްލެކް އީގަލްސް - ކަންމަތި އެފްސީ
21:15 އެޕޮކަލިޕްސް - ދިއްފުށި މެންސް ފުޓްސަލް ޓީމް