ޚަބަރު

ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ ކަމަށް ވިދާޅުވެ، ގާސިމްގެ ފާޑުކިޔުން ސަރުކާރަށް

މުހައްމަދު އިޝާން

މި ސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އެ ކޯލިޝަނުން މިއަދު ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގާސިމާ ބައްދަލުކުރައްވައިފައެވެ. މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު (ޓޮމް)، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގާސިމް އާއި ޕީޕީއެމްގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި މުހިންމު މަޝްވަރާތެއް ކުރެވުނު ކަމަށެވެ. ނަމަވެސް މަޝްވަރާކުރީ ކޮން ކަންތައްތަކާ ބެހޭގޮތުން ކަމެއް ވިދާޅެއް ނުވެއެވެ.

އެ ބައްދަލުވުމަށްފަހު ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދުވުމުގެ މަގުސަދަކީ އިންސާފުވެރިކަމާއެކު އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގައި ލަސްވުމެއް ނުވަތަ ފަސްވުމެއް އޮވެގެން ނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިސްވެ މި ދެންނެވި ހައްގުތަައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށްވިޔަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްްގެއް ވެސް މެއެވެ..،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލުތައް ހުރީ އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯ ވެސް ގާސިމް ސުވާލުކުރެއްވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ވާދަކުރައްވާ އިރު، އެ ޕާޓީން މިހާރު ވަނީ ގާސިމްގެ ރިޔާސީ ކެމްޕޭން ވެސް ފަށައިފައެވެ.

ޝަރުއީ ދާއިރާއަށް އަމާޒުކޮށް ގާސިމް ފާޑު ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ބުނަމުންދަނީ ސަރުކާރުން ގެންދަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ކަމަށެވެ. ސަރުކާރެއް ބޭނުން ނުވިޔަސް އަދި ކޯޓުތަކަށް ނުފޫޒު ފޯރުވިޔަސް ޖަލުން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.