ޚަބަރު

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ދޫކޮށްލި މައްސަލަ ހައިކޯޓަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް އަބުދުﷲ ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހެންވޭރުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބީސްޓްރޯ ތެރޭގައި ހުއްޓާ މެންބަރުން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މެއިމަހުގެ 11 ވަނަ ދުވަހު ދެމީހުން ހައްޔަރުކޮށް ބަންދުކުރިއެވެ. ނަމަވެސް ފަހުން ކުރިމިނަލް ކޯޓުން ވަނީ އެ ދެމީހުން ދޫކޮށްލައިފައެވެ.

ޕްރޮސިކިއުޓާޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލު، އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް، ހަތިޔާރަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުގައި ޖުލައި ހައެއްގައި ދޫކޮށްލި އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މެންބަރު ޒަރީރަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.