ޚަބަރު

ގައުމީ ޕޭމަންޓް ސިސްޓަމް އަންނަ މަހު ބޭނުންކުރަން ފަށަނީ

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެކު ރާއްޖޭގައި ގާއިމުކުރި އިންސްޓެންޓް ޕޭމަންޓް ސިސްޓަމް(އައިޕީއެސް) އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު މިހެން ވިދާޅުވީ އައިޕީއެސްގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުގައި ބައިވެރިވާ ބޭންކުތަކާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މުޅި ރާއްޖެ މާލީ ހިދުމަތްތަކުގެ ތެރެއިން ގުޅާލުމަށް ގާއިމުކޮށްފައިވާ ޑިޖިޓަލް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ މަރުހަލާގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ރާއްޖޭގައި ހިންގާ ތިން ބޭންކަކުން މިއަދު ވަނީ ސޮއިކޮށްފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް، އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ގަވަނަރު މަރިޔަމް ހުސެން ދީދީ އެވެ.

މި އެއްބަސްވުމަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އެމްއެމްއެމްއޭއިން މިއަދު ބުނީ މި 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރި ބޭންކުތަކާ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ޕައިލެޓް ޓެސްޓިން އަށް ފަހު މި ބޭންކްތަކާއިއެކު ވަރަށް އަވަސް މުސްތަގުބަލެއްގައި، އައިޕީއެސްގެ ހިދުމަތްތައް އާންމުންނަށް ތައާރަފުކުރުމަށް ޓަކައި ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށެވެ.

މި ޕޭމަންޓް ސިސްޓަމާ އެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކަމާ އެކު ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްދޭ ފަރާތްތަކަށް އެ ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާ ވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެ ކަމަށް އެމްއެމްއޭއިން ގަބޫލުކުރެ އެވެ.

މިިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޕޭމަންޓް ސިސްޓަމްގައި މިވަގުތު ތިން ބޭންކެއް ބައިވެރިވިޔަސް އިތުރު ބޭންކުތައްވެސް މި ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ސިސްޓަމް ރަސްމީކޮށް އިފްތިތާހުކުރާއިރު އިތުރު ބޭންކުތައްވެސް ބައިވެރިވާނެ ކަމަށެވެ. މި ސިސްޓަމް ރަސްމީކޮށް އިފްތިތާހު ކުރާނީ އަންނަ އޮގަސްޓު މަހުގެ ފަހު ހަފުތާގައި ކަމަށް ހާޝިމް ވިދާޅުވި އެވެ.

އެމްއެމްއޭ އިން މި ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީން ވަނީ ކެންޔާގައި ވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް ގާއިމުކޮށްދީފައެވެ.