މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ މިމަހުގެ ހަތްވަނަ ދުވަސް ކަމަށްވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އެދިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ގުޅިގެން ވަރަށް ގިނަ ބަޔަކު ހޮނިހިރު ދުވަހުގެ ދަންވަންދެއް މަސައްކަތް ކުރާނެ ކަމަށް ލަފާކޮށް ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ހަދައިދިނުމަށް ރައީސް އޮފީހަށް އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެހެންނަމަވެސް ސްކޫލުތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުންނަކީ އިންތިހާބުގައި ހަރަކާތްތެރިވާނެ މީހުން. އެހެންކަމުން އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ހަދައިދިނުމަކީ ވަރަށް ބޮޑު އިލްތިމާސްއެއް،" އޭނާ ވިދާޅުވިއެވެ.
މި އޭޕްރީލް މަހުގެ ހަތެއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ހަމަޖައްސަވައިފި ކަމަށް ބުނާ ބަޔާނެއް އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓަށް އަޕް ކުރެވުނެވެ. ނަމަވެސް ފަހުން އެ ބަޔާން ވަނީ ސައިޓުން ނަގާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ މެދު ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.