ޚަބަރު

މީމު އެއާޕޯޓް މަޝްރޫއުގެ 60 ޕަސެންޓް ނިމިއްޖެ

މ. މުލީގައި ހަދަމުން އަންނަ އެއާޕޯޓްގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

މުލީގައި އެއާޕޯޓެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަރީ 28، 2020ގައެވެ. މިއީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިއަދު ބުނީ، އެއާޕޯޓް ގޮނޑުދޮށުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ފަޔަރ ރޯޑާއި ފަޔާ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ނިމިފައިވާ ކަމަށެވެ.

މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ނިންމީ 1،200 މީޓަރުގެ ރަންވޭއެއް ނަމަވެސް މިދިޔަ އޮގަސްޓު މަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އަށް ވިދާޅުވި ގޮތުގައި، ރަންވޭއަށް އިތުރު 300 މީޓަރު އިތުރުކޮށް، 1،500 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.