އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތަކުން ހިމަނާނެ މަޖިލިސް މެންބަރުންގެ ލިސްޓެއް މިރޭ 9:00 ގެ ކުރިން ފޮނުވަން އެންގެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެމްޑީޕީ މެންބަރުން ހުށަހަޅައިގެން ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ސީޔާސީޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.
މަޖިލިސް ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް ބަދަލު ގެންނަން ޖެހެނީ، އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން ކޮމިޓީތަކުގައި އެކި ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ހިމެނިފައިވާ ގޮތަށް އައި ބަދަލާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި، ސަލާމަތީ ހިދުމްތަތަކާބެހޭ ކޮމިޓީގައި މެންބަރުން އެކުލެވިފައިވާ ގޮތަށް 10 އިސްލާހެއް ހުށަހެޅިއެވެ. މި އިސްލާހުތައް ހުށަހެޅުއްވީ، އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ މެންބަރުން އިސްލާހު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ހުރިހާ ކޮމެޓީއަކުން އެމްޑީޕީގެ މެޖޯރިޓީ ގެއްލުވާލުމަށާއި، ގިނަ ކޮމިޓީތަކުގެ މުގައްރިރުކަންވެސް އެމްޑީޕީ މެންބަރަކަށް އަދާނުކުރެވޭ ގޮތަށެވެ.
ނަމަވެސް މިހާރުވެސް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތުމުން އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ. އެހެންކަމުން ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާގޮތާބެހޭގޮތުން މަޖިލިސް ތަޅުމުގައި އޮތް ރިޕޯޓުގެ އޮޕްޝަން އެކަކަށް ރިޔާސަތުން ވޯޓަށް އެއްސެވިއެވެ.
އެއީ މަޖިލިސް ގަވާއިދުގައި ބުނާގޮތުންނަމަ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ކޮމިޓީތަކުގެ ބޮޑު ޕަސެންޓެއް ލިބޭގޮތަށް އޮތް ނިންމުމެވެ. އެ ނިންމުން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ނިންމުން ފާސްކުރަން ނުފެންނަކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.
އެ މަސައްކަތް ނިމުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ކޮމިޓީތަކުގައި މެންބަރުން ހިމެނޭނެ ނިސްބަތުން، ޕާޓީތަކުން ކޮމިޓީތަކުގައި ތަމްސީލު ކުރާނެ މެންބަރުންގެ ނަންތައް، މިރޭ ނުވައެއްގެ ކުރިން ފޮނުވައިދެއްވުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.