ޚަބަރު

ދިވެހިންނަށް ޕޯސްޓަލް ވޯޓިން ސިސްޓަމް ތައާރަފުކުރަނީ

އަހުމަދު ޖައިޝަން

ކުރިއަށް އޮތް އިންތިހާބެއްގައި އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ޕޯސްޓަލް ވޯޓިންގެ ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައިވެސް ދިވެހީން އުޅޭއިރު އެ އަދަދަކީ މަދު އަދަދެއް ކަމަށާއި އެ ފަރާތްތައް ވޯޓުލާން ބޭނުން ނަމަ ޖެހެނީ އެހެން ސަރަހައްދުތަކަށް ދާން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން އެބަ މަޝްވަރާ ކުރަން، ރާއްޖޭއިން ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކަށް ވިޔަސް ހަމަ ވަކި އަދަދެއް ނެތި އަދި ލިމިޓެއް ނެތި ޕޯސްޓަލް ވޯޓިންގެ ޒަރިއްޔާއިން ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭތޯ ދެން އަންނަ އިންތިހާބަކަށް،" އޭނާ ވިދާޅުވިއެވެ.

ޕޯސްޓަލް ވޯޓިންގެ ހިދުމަތް ތައާރަފުކުރުމުން ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ބޭސްލައިނެއް ކަނޑައަޅަން ނުޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕޯސްޓަލް ވޯޓިންގެ އިތުރުން އާލީ ވޯޓިންނަކީވެސް ރާއްޖޭގައި މުހިއްމު ސިސްޓަމެއް ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އާލީ ވޯޓިން ސިސްޓަމާއެކު ތަންތަނަށް ފޮނުވާ އޮފިޝަލުން ރީރެޖިސްޓާ ކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އެންމެ އަވަހަށް އޮތް އިންތިހާބު ކަމަށްވާ ލޯކަލް ކައުންސިލު އިންތިހާބަށް އެފަދަ ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރައްވާނެއެވެ.