ޚަބަރު

ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭގޮތަށް މަދުން ނަމަވެސް ނާޖާއިޒު ނުފޫޒު ފޯރުވާ: އެޗްއާރުސީއެމް

މަރިޔަމް ޝަހުދާ

ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް މަދުން ނަމަވެސް ނާޖާއިޒު ނުފޫޒު ފޯރުވާ ކަންކަން ހިނގާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން މިހެން ބުނެފައި ވަނީ މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 19 ވަނަ މަޖިލީހުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ކަންކަން ފާހަގަކޮށް އާންމުކޮށްފައިވާ ނޫސްބަޔާނެއްގައެވެ. އެ ކޮމިޝަނުން އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށް އެޗްއާރުސީއެމް އިން ހާމަކުރެއެވެ.

އެގޮތުން އިންތިހާބު އޮންނަ ދުވަހުގެ ކުރީ ދުވަހު ހިނގާ ކަންކަން ދެނެގަތުމުގެ އިތުރުން، އިންތިހާބު ބާއްވާ ދުވަހު އޮބްޒާވް ކުރުން އަދި އިންތިހާބުގެ ފަހުން ހިނގާ ކަންކަން އެޗްއާރުސީއެމް އިން އޮބްޒާވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް އިންތިހާބުގެ ކުރިން ހިނގާ އެކިކަންކަން ދެނެގަތުމަށް މީޑިއާގެ އެކި ވަސީލަތްތައް މޮނިޓަރކޮށް، ފާހަގަވާ ކަންކަމާއި އެކަންކަމާ ގުޅުން ހުރި މީހުންނާ ބައްދަލުކުރާނެ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ. އަދި މި ބައްދަލުވުންތަކުން ފާހަގަވާ ކަންކަމާއި އިންތިހާބާ ގުޅޭ ގޮތުން އެޗްއާރުސީއެމްއަށް ހުށަހެޅޭ މައްސަލަތަކާއި އެކޮމިޝަނަށް އެކި ގޮތްގޮތުން ފާހަގަވާ ކަންކަމަށް އަލި އަޅުވާލާ ކޮންމެ ހަފްތާއަކު ރިޕޯޓެއް ނެރޭނެކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އިންތިހާބުގެ އެކި ގަވައިދުތަކާއި ގާނޫނުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، ކޮމިޝަނަށް ފާހަގަވި އެކި ކަންބޮޑުވުންތައް މިހާރުކަމާއި ބެހޭ އިދާރާތަކާއި ހިއްސާކުރެވިފައި ވާނެ ކަމަށް އެ ކޮމިޝަނުން ހާމަކުރިއެވެ. މީގެ އިތުރުން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްވެފައި ވޭތޯ ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަނެވިފައި ވާކަންވެސް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން މިނިވަން ކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް މަދުން ނަމަވެސް ނާޖާއިޒު ނުފޫޒު ފޯރުވާ ކަންކަން ހިނގާ ކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަމުން އެއްކިބާވެ، މިނިވަން ކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓު ދިނުމުގެ އިހުތިޔާރު ލިބިގެންވާ އިންތިހާބަކަށް މާދަމާގެ އިންތިހާބު ހެދުމަށް ކަމާބެހޭ ފަރާތްތަކަށާއި ވަކިވަކި ފަރުދުންނަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.