ޚަބަރު

ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭ އެކްސިޑެންޓުވި ދެމީހަކު އަތުލައިގެންފި

މަރިޔަމް ޝަހުދާ

ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭ އެކްސިޑެންޓުވި ދެމީހަކު އަތުލައިގަނެފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރާއެކު ހެލްމެޓް އަޅައިގެން ތިބި ބަޔަކު ހެޕީ މާކެޓް ކައިރީ ތިބި މައުލޫމާތު ރޭ ފުލުހުންނަށް ލިބުމާ ގުޅިގެން އެ ސަރަހައްދަށް ދިއުމަށްފަހުއެވެ. އެގޮތުން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ފުލުހުން އެ ސަރަހައްދަށް ދިއުމުން މި ދެމީހުން ސައިކަލުގައި އެމީހުން އެ ސަރަހައްދު ދޫކޮށް ފިލަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ވަނީ އެ ވަގުތު އެތަނުން އެކަކު ހައްޔަރު ކުރިކަމަށް މައުލޫމާތު ދީފައެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ ފިލައިގެން ދަނިކޮށް އޭނާގެ ފަހަތުން ގޮސް، އައިޖީއެމްއެޗް ކެންޓީން ކައިރިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. މި ދެމީހުން ދުއްވި ސައިކަލު މިހާރު ޓޯ ކޮށްފައިވާއިރު، މި ދެމީހުންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.