އިބްރާހިމް ޒަކީ
ސީރިއާއަށް ގޮސް ހަނގުރާމައިގައި ބައިވެރިވި ދިވެހިންގެ ތެރެއިން، ފިރިން މަރުވުމުގެ ސަބަބުން އެކަނިވެފައި ތިބި އާއިލާތައް އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖެ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު ނެތް ކަމަށް ކުރީގެ ސަރުކާރުތަކުން ބުނަމުންދިޔަ ހަނގުރާމަތަކުގައި ބައިވެރިވާން 100 އަށް ވުރެ ގިނަ ދިވެހިން ސީރިޔާއަށް ގޮސްފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން 70 އަށް ވުރެ ގިނަ ދިވެހިން ސީރިޔާގައި މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް..އަންނަ މަސް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެ ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.