އަދާލަތު ޕާޓީ

މަހިބަދޫ ދާއިރާއަށް ކުރިމަތިލައްވާ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ރައީސް ސޯލިހު ތާއީދުކުރައްވައިފި

މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަދާލަތު ޕާޓީގެ ކެންޑިޑޭޓު އަލީ އާޒިމަށް ތާއީދު ކުރައްވައި ރައްޔިތުން އޭނާ ހޮއްވަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންނެވީ، މަހިބަދޫގައި މިއަދު ކުރިޔަށް ދިޔަ އަލީ އާޒިމްގެ ކެމްޕޭން ހަރަކާތަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯލިޝަން ސަރުކާރު އުފެދުމުގައްޔާއި ސަރުކާރު ދެމެހެއްޓުމުގައި އަދާލަތު ޕާޓީން އަދާކުރަމުން އަންނަ ދައުރުގެ މުހިންމުކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އިސްލާހީ މަސައްކަތުގައި އަދާލަތު ޕާޓީން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ރައީސް ސޯލިހު ތާއީދުކުރެއްވި އިރު، އެ ދާއިރާއަށް އެމްޑީޕީން ވެސް ކެންޑިޑޭޓެއް ނެރުނެވެ. ނަމަވެސް ފަހުން އެ ކެންޑިޑޭޓުގެ ނަން ވނީ ނަގައިފަ އެވެ.