ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
ރައީސް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށާފައި މި ވަނީ، ދެވަނަ ފަހަރަށް ބަލި ގަބޫލުކުރައްވައި ގައުމާ މުޚާތަބުކުރައްވައި މިއަދު އެމަނިކުފާނު ވާހަކަފުޅުދެއްކެވި ފަހުންނެވެ. މިއަދުގެ ވާހަކައިގައި އެމަނިކުފާނުގެ ރަސްމީ ޚިދުމަތުގެ ނިމުން ކައިރިވެއްޖެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުރިމަގުގައި ދިވެހި ރައްޔިތުން ވިސްނުން ބަހައްޓަންވީ ގޮތުގެ މެސެޖުތަކެއް ދެއްވާ ފަދަ މޭރުމަކުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ގައުމާ މުޚާތަބުކުރެއްވި ފަހުން ސޯޝިއަލް މީޑިއާގައި ވަނީ އެމަނިކުފާނު ގައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަކީން ގަދަވެފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ފުރާވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ގުޅިފައިވާ ޕާޓީތައް ތިބީ ނިދާފައި ކަމަށެވެ. މުސްތަފާގެ ޓްވީޓުގައި ވިދާޅުވީ ރައީސް ފުރުއްވަން އުޅުއްވަނީ މާފަރު އެއާޕޯޓުން ކަމަށެވެ.
ރައީސް ޔާމީން ފުރާވަޑައިތުމުގެ ކުރީން ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށާއި އެމަނިކުފާނަށް ފުރާވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމަށް އިމިގްރޭޝަނަށް ވެސް ގޮވައިލައްވާ ކަމަށް މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ، ރައްޔިތުން ކައިރީ ހުންނަވާނެ ކަމަށް ވިދާޅުވެފައި ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ރައީސް ޔާމީން ގައުމު ދޫކުރައްވައި ފުރުއްވަން އުޅުއްވާ ކަމަށް ތުހުމަތުކުރަމުންދާ އިރު، ރައީސް ޔާމީން މިއަދު ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.