ޚަބަރު

މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގައި: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭ ހުޅުވުމާއެކު، މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ދިވެހިރާއްޖޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އާ ރަންވޭ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ފެންވަރުގެ ރަންވޭއެއް ތަރައްގީކުރެވިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ކުޑަ ޝަރަފެއް ނޫން ކަމަށެވެ.

"މިއަދު ސިފަވެގެންދަނީ ދިވެހިންނަށް ދެ އީދު އެއްވެގެން އައި ދުވަހެއްގެ ގޮތުގައި. މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ދިވެހިރާއްޖޭގައި. އާ ރަންވޭއަށް ފުރަތަމަ ޖެއްސި އޭ-380 މަރުކާގެ މަތިންދާ ބޯޓުގެ ޕައިލެޓްކަން ކުރެއްވި ދިވެހި ޒުވާނާ އަހްސަން ދައްކައިދިނީ ދުނިޔޭގެ އެންމެ ބޮޑު ފްލައިޓަށް ކޮމާންޑް ކުރުމަކީ ވެސް ދިވެހި ޒުވާނުންނަށް ކުރެވިދާނެ ކަމެއްކަން. މި ސަރުކާރުން އަބަދުވެސް ޒުވާނުންގެ ތަރުބިއްޔަތާއި ކުރިއެރުމަށް އިސްކަންދެއްވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ބިނާވެފައި އޮތީ އެއާޕޯޓުގެ މައްޗަށް ކަމަށާއި މިއަދު އާ ރަންވޭ ހުޅުވުމުން ދޭހަވެގެންދަނީ ދިވެހިރާއްޖެ ކުރިއަރަމުން އަންނަ މިންވަރު ކަމަށެވެ. އަދި އިގްތިޞާދީ ގޮތުން ރާއްޖެ ފުދުންތެރި ވެއްޖެނަމަ ރާއްޖެ އަޅުވެތި ކުރާނެ ބަޔަކު ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާ ރަންވޭއަށް ފުރަތަމަ ޖެއްސި އޭ-380 ބޯޓުން ދަތުރުކޮށްފައިވަނީ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމެވެ.