ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ރަށްތަކަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމް) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ ވިއްސާރާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލައިގެން ދިއުމާއި ގޭގޭގެ ފުރާޅަށް ގަސް ވެއްޓިގެންވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށަށް އުދައަރައިގެން ރިޕޯޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އއ. ފެރިދޫއަށެވެ. އެރަށުގެ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި އެ ގޭގައި ދިރިނޫޅެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން އެ ގޭގައި ދިރިއުޅުނު އާއިލާއަށް ފެރިދޫ ކައުންސިލުން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.