އަލީ ޔާމިން
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އިތުރުވި އިރު، އެހެން ޕާޓީތަކުން މެންބަރުން މަދުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ވަގުތު ނުވަ ސިޔާސީ ޕާޓީއެއް އޮތް އިރު، އީސީން އިއްޔެ ވަނީ މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އާއްމުކޮށްފައެވެ. ދަފްތަރުން އެނގޭ ގޮތުގައި ސިޔާސީ ޕާޓީތަކުގައި ޖުމުލަ 158،167 މެންބަރުން އެބަ ތިއްބެވެ.
އޭގެ ތެރެއިން ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި ޖުމުލަ 58،035 މެންބަރުން އެބަ ތިއްބެވެ. އެއީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަށްވުރެ 375 އިތުރު އަދަދެކެވެ.
އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު އިތުރުވި އިރު، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ގުޅިފައެވެ.