މުހައްމަދު ޖަމްޝަތް ވަހީދު
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑަށާއި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޑޫ އެއާޕޯޓުގެ ބޯޑަށް އައްޔަންކުރީ އައްޑޫ ސިޓީ/ ފޭދޫ، ނޫކޮކާ، ޝާތިފް އަލީއެވެ. ކައްދޫ އެއާޕޯޓުގެ ބޯޑަށް އައްޔަންކުރީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަަރު ސ.މަރަދޫ ފޭދޫ/ ލަކްސަމީވިލާ، ކާނަލް އަހުމަދު ޝަރީފެވެ. އެ ދެބޭފުޅުންވެސް މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
އައްޑޫ އެއާޕޯޓުގެ ބޯޑަށް އައްޔަންކުރި ޝާތިފް އަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަގާމާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ހިމެނެއެވެ. އައްޑޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ވެމްކޯގެ ސަދާން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.
ކައްދޫ އެއާޕޯޓު ކުންފުންޏަށް އައްޔަންކުރެއްވި ކާނަލް ޝަރީފް އަކީ އެމެރިކާގެ މެރިން ކޯ ޔުނިވަސިޓީން މާސްޓަސް އިން މިލިޓަރީ ސައިންސް ހާސިލުކުރައްވައި، ދުނިޔޭގެ އެކި ގައުމުތަކުން މިލިޓަރީ ދާއިރާއިންނާއި މެނޭޖްމަންޓް ދާއިރާއިން ތަމްރީންތައް ހައްދަވައިގެން ހުންނެވި ބޭފުޅެކެވ.ެ
ކާނަލް ޝަރީފް ވަނީ އެމްއެންޑީއެފްގެ އެކި މަގާމުތަކާއި ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް މީގެކުރިން އަދާކުރައްވައިފައެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓްގެ ޕްރިންސިޕަލް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.