ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހެޔޮ ވެރިކަމެއްގެ ނިޒާމަށް އިތުބާރު ހޯދޭނީ ރައްޔިތުންގެ ވައުދު ފުއްދައިގެން: ރައީސް

އަހުމަދު ޖައިޝަން

ހެޔޮ ވެރިކަމެއްގެ ނިޒާމަށް އިތުބާރު ހޯދޭނީ ރައްޔިތުންގެ ވައުދުތައް ފުއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އެޖެންޑާ 19 – ކެމްޕޭން ނިންމާ ޖަލްސާ"ގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވި ފަރާތްތަކުން މަތީން އަބަދުވެސް ހަނދުމަފުޅުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަނެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި ތާއީދާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހުވެސް ދެންނެވި ފަދައިން ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ތިޔަ ރައްޔިތުންނަށް ހިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައީ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ގެނެސްދިނުމަށް ވައުދުވެ ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި އުއްމީދުތަކެއް ދެމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ގައުމުގެ ހާލަތު ވަރަށް ގޯސް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. މުއައްސަސާތައް އޮތީ ސިޔާސީ ނުފޫޒުން ގަޑުބަޑުކޮށްފައި. ހެޔޮ ވެރިކަމުގެ ނިޒާމު ނައްތާލައި ގާނޫނުގެ ވެރިކަން އެއީ ނެތް އެއްޗަކަށް ހަދާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައްޔިތުންގެ ވައުދުތައް ފުއްދުމުގައި އެއިން އެއްވެސް ކަމެއް އެއީ އުޒުރެއް ކަމުގައި ބަލައިގެން ތިބެވެން ނެތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.