ފާއިތުވި ހަތް އަހަރު ރާއްޖެ އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ނިންމެވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބޮޑެތި ވައްކަމާއި މާރާމާރީ އަދި ހިޔާނާތް އޮތީ އާންމުވެފައި ކަމަށެވެ. އަދި އެކަންތައްތައް ވެފައިވަނީ ސަރުކާރުން ހިތްވަރުދޭ ކަންކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ނަތީޖާއަކަށް ވެގެން ދިޔައީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވުން. އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމުވުން. ގައުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް އާއިލާތައް ނިކަމެތިވުން. ޒުވާނުންގެ މުސްތަގުބަލު ބަނަވެ ތައުލީމު ހާސިލުކުރެވޭނެ ގޮތެއް ނެތުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރާއްޖެ އެ ނިކަމެތިކަމުގެ ތެރެއަށް ވެއްޓެމުން ދިޔައިރު ސަރުކާރުގެ އިސްވެރިން ތިއްބެވީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން އެފަދަ އަނިޔާވެރި އަމަލެއް ހިންގާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.