މުޅި ދައުލަތުގެ ނިޒާމު ބަދަލުކޮށް ހެޔޮ ވެރިކަމެއް ބިނާ ކުރެއްވުމަކީ ގާނޫނު އަސާސީން އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ނިންމެވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ޒިންމާ އަދާކުރެއްވުމަށް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަދި ރައްޔިތުންގެ ހައްގުގައި ކުރަން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ނުވާނެ ކަމަށް އަންނަނީ ސާބިތުކޮށްދެމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދައުލަތުގެ މާލީ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން އެދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ހާމަކުރަމުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރުމުގެ ހެޔޮ ނަތީޖާ މިވީ ކުރު މުއްދަތުގައިވެސް ވަނީ ފެންނަން ފަށާފައި ކަމަށެވެ.