ޚަބަރު

އަޅުގަނޑުގެ ނަމްބަރު ބޭނުންކޮށްގެން ބަޔަކު ދަނީ އެންޓި ކެމްޕެއިން ކުރަމުން: ގައްދޫ ރަޝީދު

އަހުމަދު ޖައިޝަން

ޕީއެންސީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ތާއީދާއެކު ކުރިމަތިލާ އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ރަޝީދު(ގައްދޫ ރަޝީދު)ގެ މޯބައިލް ނަމްބަރު ބޭނުންކޮށްގެން ބަޔަކު ދަނީ އެންޓި ކެމްޕެއިން ކުރަމުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަހުމަދު ރަޝީދު މިހެން ވިދާޅުވީ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ގައްދޫ ރަޝީދު ވިދާޅުވީ އޭނާއަށް އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން އޭނާގެ ނަމްބަރު ބޭނުންކޮށްގެން ބަޔަކު ދަނީ އިދިކޮޅު ފަރާތްތަކުންގެ ކެމްޕެއިން މެސެޖު ފޮނުވަމުން ކަމަށެވެ.

"އިދިކޮޅުގެ ކެމްޕެއިނިން މެސެޖުތައް ކުރަމުންދާތީ މިކަމަށް ދާއިރާގެ ހުރިހާ ބޭފުޅުން ސަމާލުވުމަށް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކެނޑިޑޭޓުންނަށް ތާއީދު ނެތީމާ އެފަދަ ނާތަހުޒީބު ކަންތައްތައް ކުރަމުންދާނެ ކަމަށެވެ.