ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމާ މުޚާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ފަސް އަހަރު ނިމިގެންދާއިރު މީހުންގެ ފިކުރަށާއި މީހުންގެ ވިސްނުމަށް ބަދަލު އަންނަނީ ކީއްވެކަން އެމަނިކުފާނަށް ދަހެއްނުވި ކަމަށެވެ.
"އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވެގެންމިދާ އަވަސްމިނުގައި ވިސްނުން ބަދަލުވެގެންމިދަކީ ކޮންކަހަލަ ނުފޫޒެއްކަން އަޅުގަނޑަށް ދަހެއްނުވި. އެކަންކަން ދަސްނުވީމަ އެކަންކަމާ މެދު އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަނީ މައުސޫމް ރައްޔިތެއްގެ ހައްގުގައި ކަމަށާއި ހުރިހާ ސިޔާސީ ލީޑަރުންވެސް އެކަމަށް ޖާގަދެއްވަން އެބަޖެހޭ ކަމަށެވެ. ނަމަވެސް ހިތާމަޔާކީ މިއަދުވެސް ގައުމީ މަސްލަހަތަށްވުތެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހުރިހާ ދިމާލަކުންވެސް ފެނިގެން މިދަނީ ގައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ ވަންތަ ސިފަތަކަށް، އަމިއްލަ ވަންތަ ޚިޔާލުތަކަށް އިސްކަންދެވިގެން ގައުމާ ދޭތެރޭ ކޮންމެ ގޮތެއްވުން ހެޔޮކަމަށް ދޫކޮށްލެވިގެންދާތަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެދެނީ ހުރިހާ ކަމެއްގައިވެސް ގައުމީ ސަލާމަތަށް އިސްކަންދިނުމަށް ކަމަށާއި ކޮންމެ މުއައްސަސާއެއްގެ ތެރެއިން ކަމެއް ނިންމި ކަމުގައިވިޔަސް ގައުމުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަމަކަށް ފާރަވެރިވާންޖެހޭ ކަމަށެވެ. އެއީ ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމެއް ގައުމެއްގެ ގޮތުގައި އޮތުމަށް ގައުމީ ސަލާމަތް ކުރިއަށް ނެރުންފިޔަވައި އިތުރު ކަމެއް ކުރިއަށް ނުނެރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމުގެ ސަލާމަތާއި ސުލްހައަށް ކަމަށެވެ.